ENGLISH
08 ޑިސެމްބަރު 2025
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ވިދިވިދިގެން ހަވަނަ ފަހަރަށް ރާއްޖެއަށް
07 ޑިސެމްބަރު 2025
|
ވޯލްޑް ޓްރެވެލް އެވޯޑް ހަފްލާގެ ތެރެއިން. --ފޮޓޯ:ވިޒިޓް މޯލްޑިވްސް
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ވިދިވިދިގެން ހަވަނަ ފަހަރަށް ރާއްޖެއިން ހޯދައިފި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖޭން ވަނީ ޝަރަފުވެރި ދެ މަގާމެއް ދިފާޢުކޮށްފަ އެވެ. އެގޮތުން، ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ހަވަނަ ފަހަރަށް ހާސިލްކުރުމުގެ އިތުރުން ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން، ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމު ދެވަނަ ފަހަރަށް ރާއްޖޭން ވަނީ ހޯދައިފަ އެވެ.
މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ބާއްވާފައިވަނީ ބަޙްރެއިންގަ އެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސް އަކީ ދަތުރުފަަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލްތަކެއް ވާދަކުރެ އެވެ. މި އެވޯޑު ކާމިޔާބު ކުރާ ފާރަތްތައް ހޮވަނީ މި ސިނާއަތުގެ ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ހުޅުވާލެވިގެން އާންމުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މި އެވޯޑަކީ ފަތުރުވެރިކަމުގެ ފެންވަރު ވަޒަންކުރުމުގައި ދުނިޔޭގެ ގިނަ ފަރާތްތަކަކުން ބަލައިގަންނަ އެއް މިންގަނޑުކަން ފާހަގަކޮށްލެވެ އެވެ.
ރާއްޖެ އަށް ލިބިގެން މިދިޔަ ޝަރަފުވެރި ދެ އެވޯޑާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔޭގައި ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަގު ވަނީ ފަހިވެފަ އެވެ.
ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބު ކުރުމަކީ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔާތް ކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތް ރަމްޒުކޮށްދީ އެ މަސައްކަތުގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބެގެންދާފަދަ ކާމިޔާބެކެެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ދެ އެވޯޑުގެ އިތުރުން މިއަހަރު ހާސިލްކޮށްފައިވާ އިތުރު އެވޯޑްތަކަކީ؛
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ މި އަހަރު ހޯދާފައިވާ މުހިއްމު ރެކޯޑްތަކުގެ ތެރޭގައި ދެމިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރިން މި އަހަރުގެ ދެމިލިއަން ފަތުރުވެރިންގެ އަމާޒު ވަނީ ހާސިލްކޮށްފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުޅާ ދާއިރާއެއްގައި އެމްބެސެޑާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، ތަފާތު ޑިޖިޓަލް ކެމްޕޭންތަކެއް ކުރިއަށް ގެންދިއުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑެތި އެކްސްޕޯތަކާއި ފެއާ އަދި ރޯޑްޝޯތަކުގައި ރާއްޖެ ތަމްސީލްކުރުން ފަދަ މުހިންމު މަސައްކަތްތަކާއި، ދުނިޔެ ބަލައިގަންނަ ބޮޑެތި ބްރޭންޑްތަކާ އެކު ޕާޓްނާޝިޕް ވަނީ ގާއިމްކޮށްފަ އެވެ.
އަންނަ އަހަރަށްވެސް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. އެގޮތުން މުޅި އަހަރަށް އަމާޒުކޮށް "އޯޝަން ނޭޝަން"ގެ ތީމުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވައިފަ އެެވެ.