ENGLISH
08 ޑިސެމްބަރު 2025
ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ވަނީ ދަށްވެފައި
07 ޑިސެމްބަރު 2025
|
މި އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު، ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ މައިގަނޑު ހުރިހާ ބާވަތްތަކުގެ އަގު 0.69 އިންސައްތަ ދަށްވެފައިވާ ކަމަށް ދިވެހި ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ މަހަކުވެސް އަސާސީ މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތައް އެސެންޝަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް (އީސީޕީއައި) ގެ ރިޕޯޓުގައި އާންމުކުރަމުންދާއިރު، ވަކިން ޚާއްސަކޮށް ކެއުމަށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހުގެ ތެރޭގައި 1.11 އިންސައްތަ ދަށްވެފައިވެއެވެ. އެހެންނަމަވެސް ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް 0.55 އިންސައްތަ އިތުރުވެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތަކެއްގެ އަގުތައް ވަނީ ދަށްވެފައެވެ. އެގޮތުން، ކުކުޅާއި މަހުގެ ބާވަތްތަކުގެ އަގުތައް މިދިޔަ މަހުގެ ތެރޭގައި 0.04 އިންސައްތައަށް ދަށްވެފައިވާއިރު، ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް ވަނީ 0.41 އިންސައްތައަށް ދަށަށް ގޮސްފައެވެ.
މީގެ އިތުރުން މޭވާގެ ބާވަތްތަކުގެ އަގުތައް 4.50 އިންސައްތައަށް ދަށްވެ، ތަރުކާރީގެ ބާވަތްތަކުގެ އަގުތައް 0.76 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ. ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް 0.80 އިންސައްތައަށް ދަށްވިއިރު، ކާން ބޭނުންކުރާ ތެލާއި ޗީޒްގެ ބާވަތްތަކުގެ އަގުތައް ވަނީ 0.19 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ތެލާއި ގޭހުގެ އަގުތައް ދަށަށް ގޮސްފައިވަނީ 0.83 އިންސައްތައަށެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ފަރާތުން އާންމުކުރާ އީސީޕީއައި ރިޕޯޓުގެ އެހީގައި އާންމުންނަށް ކާބޯތަކެތީގެ އަގުތައް ދެނެގަންނަން ފަސޭހަވެ، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.