ENGLISH
07 ޑިސެމްބަރު 2025
އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' އާ އެކު އިތުރު ފީޗާސްތަކެއް
07 ޑިސެމްބަރު 2025
|
އޭއައި ބޮޓް "މިތުރު"--ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' ތަޢާރަފްކޮށް، އެކްސެސިބިލިޓީ އިތުރުކުރުމަށްޓަކައި އާ ފީޗާސްތަކެއް ތަޢާރަފުކޮށްފި އެވެ.
އެޗްޑީސީން ބުނީ މި ހިދުމަތް ތަޢާރަފްކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުރި 30 ފަރާތްތަކަށް ވަޒީފާ ދިނުމަށް މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. އަދި މިކަން އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް އެވެ.
ވެބްސައިޓަށް އަލަށް ތައާރަފް ކުރި ފީޗާރސްތަކުގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެބްސައިޓް ބޭނުން ކުރަން ފަސޭހަކޮށްދިނުމަށް ތައާރަފް ކުރެވުނު ފަންކްޝަންތައް ހިމެނެ އެވެ.
އޭއައި ބޮޓް "މިތުރު"--ފޮޓޯ: އެޗްޑީސީ
ވެބްސައިޓަށް އިތުރުކުރި ފަންކްޝަންތަކުގެ ތެރޭގައި، ވެބްސައިޓް ބޭނުންކުރާ ފަރާތަށް ފަސޭހަ ވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ އިތުރުން ސްކްރީން ރީޑަރ ފަންކްޝަން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ކިޔައިލުން ފަސޭހަ ކުރުމަށްޓަކައި، "ޑިސްލެކްސިޔާ ފްރެންޑްލީ" ފޮންޓެއް ވެސް ވަނީ މި ފީޗާސްތަކުގެ ތެރެއިން ތައާރަފުކުރެވިފަ އެވެ. މިއީ އެޗްޑީސީން އާންމުކޮށް ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ.
ވެބްސައިޓަށް މި ގެނެވުނު ބަދަލާ އެކު އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުންގެ ވެބްސައިޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.
މީގެ އިތުރުން ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ، ޝާމިލު މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުން އަންނަކަމަށްވެސް ބުންޏެވެ.