ENGLISH
02 ޑިސެމްބަރު 2025
ފީފާގެ އެހީގައި އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެފްއޭއެމުން އެއްލައްކަ ރުފިޔާ
02 ޑިސެމްބަރު 2025
|
ދިހަ އަހަރަށް ފަހު ރާއްޖޭގައި އިއްޔެ ފެށި އަންހެން ލީގުގެ ފުރަތަމަ މެޗުގެ ތެރެއިން. ޓީމުތަކަށް އެފްއޭއެމުން މާލީ އެހީދޭން ވަނީ ނިންމާފަ. ފޮޓޯ: ރައީސް އޮފީސް
މެދުކެނޑުމަކަށް ފަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފެށި "އެފްއޭއެމް ވިމެންސް ލީގު 2025" ގައި ވާދަކުރާ ކޮންމެ ޓީމަކަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އެހީތެރިކަމާއެކު އެއްލައްކަ ރުފިޔާދޭން އެފްއޭއެމުން ނިންމައިފިއެވެ.
ރާއްޖޭގައި ފުޓްބޯޅަ އަލުން ފަށައި، އަންހެން ލީގުގެ ކުޅުން ފެށީ އިއްޔެ ހަވީރެވެ. އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި އޮތް އަންހެން ލީގު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އަންހެން ލީގުގައި 6 ޓީމަކުން ވާދަކުރެއެވެ. އެއީ ވިކްޓްރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އޮޑި ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
އެފްއޭއެމުންއިން ބުނީ މުބާރާތުގައި 6 ޓީމަށް، ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދޭނެ ކަމަށެވެ. އެގޮތުން 6 ޓީމަށް ދިނުމަށް ޖުމްލަ 600،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެފްއޭއެމުން ބުނީ އެފައިސާ ޓީމުތަކަށް ދޭނީ ފީފާގެ އެހީތެރިކަމާއެކު ކަމަށެވެ.
ފުރަތަމަ މެޗު ކާމިޔާބުކުރި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޓީމު. ފޮޓޯ: ރައީސް އޮފީސް
ދާދިފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީީނޯ ރާއްޖެ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް ފީފާގެ އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ ދަތުރުފުޅުގައި އިންފަންޓީނޯއާއެކު ރަސްމީ މަޝްވަރާތައް ބޭއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ވެސް އިންފަންޓީނޯ ވަނީ މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.
އެފްއޭއެމުން އަންހެން ފުޓްބޯޅަ ލީގު މި ފެށީ 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން 2025 ވަނަ އަހަރު ބޭއްވި އަންހެން ލީގުގެ ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓެވެ.
އަންހެން ލީގު މެދުކެނޑުމާއެކު އަންހެން ފުޓްބޯޅައިގައި ކުރިއެރުން ހޯދަން ވެސް ރާއްޖެއަށް އުނދަގޫވިއެވެ. އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިޤު ވިދާޅުވީ، މިއަހަރު ފެށި އަންހެން ފުޓްބޯޅަ ލީގު ކޮންމެ އަހަރަކު ކުޅެ، އިތުރު ޑިވިޝަންތައް ބާއްވާނެ ކަމަށެވެ.
އެފްއޭއެމް އަންހެން ލީގުގެ ފުރަތަމަ މެޗުގައި އިއްޔެ ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ 6-0 އިން ޓީސީ ބަލިކޮށްފައެވެ.