ENGLISH
02 ޑިސެމްބަރު 2025
ރައީސް، ރަސްމާލެއަށް ވެލިއަޅުއްވަން އެ ފެއްޓެވީ ރޮކެޓް ސްޕީޑުގައި؛ މެންބަރު އިބްރާހީމް މުޙައްމަދު
02 ޑިސެމްބަރު 2025
|
ރަސްމާލޭން ހިއްކާފައިވާ ބިމެއް. އާ ޑްރެޖަރާއެކު ހިއްކުން ތިންގުނަ އަވަސްވެފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ
އިދިކޮޅުން ރައްޔިތުންގެ ލޮލަށް ވެލިއަޅަން އުޅެނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމާލެއަށް ވެލިއަޅުއްވަން އެ ފެއްޓެވީ ރޮކެޓް ސްޕީޑުގައި ކަމަށް މަންޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް ރަސްމާލެ ތަރައްޤީ ކުރުމަށް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މީސްމީޑިއާގައި މެންބަރު އިބްރާހީމް މުޙައްމަދު އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްމާލެ ބާރު ސްޕީޑުގައި ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެމަސައްކަތް ދެން ދާނީ ރޮކެޓް ސްޕީޑުގައި ކަމަށެވެ.
މީސްމީޑިއާގެ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ 'ކްރިސްޓަބެލް ކޮލޯން" ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރުން އެއް ޑްރެޖަރު ރާއްޖެއަށް ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުއިކޮށްފައިވާ ކަމަށެވެ.
ރަސްމާލެ ހިއްކަން ގެނައި ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު. ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަނީ ތިންގުނަ އަވަސްކޮށްފަ
ރައީސް ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ ތަރައްގީކުރަނީ ސައްތައިން ސައްތަ ޒީރޯ ނެޓް ކާބަން ސިޓީއެއްގެ ގޮތުގައި ސްމާޓް އިކޯ ސިޓީއެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތަށެވެ. އެއީ ރާއްޖޭގެ ތާރީހުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.