ENGLISH
27 މާރިޗު 2025
މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އަޅަނީ
01 ޑިސެމްބަރު 2024
|
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް
އެންމެ މަޤްބޫލު
މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓު އެޅުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ކުރަމުންނެވެ. އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 2021 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން ޖުމްލަ 32 ޓަވަރު އިމާރާތް ކުރާއިރު، އޭގެ ތެރޭގައި ހިމެނޭ "އަމާން އުދަރެސް" ގެ 16 ޓަވަރުގެ މަސައްކަތް ކުރަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިންނެވެ. "އަމާން ދޯދި" ގެ 16 ޓަވަރު އަޅަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ.
އެފްޑީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހަމްދާން ވިދާޅުވީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ތިން ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ސްރީ ލަންކާގެ ކުންފުންޏަކާ އެކު 3،000 ހައުސިން ޔުނިޓު އެޅުމުގެ އެގްރިމެންޓެއްގައި ސޮއިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ގެންދަނީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޕްރޮޖެކްޓަށް ބޭނުންވާ އިންޝުއަރެންސްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެކަމަށް ބޭނުންވާ ފައިނޭންސިން ޑޮކިއުމެންޓްސްތައް ލިބި މަޝްރޫއުގެ ފެށުމުގެ ހުއްދައަށް އެދި އިކޮނޮމިކް ކައުންސިލަށް ފޮނުވޭވަރު ވާނެ ކަމުގަ އެވެ. މަޝްރޫއުތައް ކުރިއަށް ގެންދާނީ ބޭރުގެ ފައިނޭންސިން އެޖެންސީތަކުން ލޯނު ނަގައިގެން ކަމަށެވެ.
މި ފެށޭ އަހަރު މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އޭގެ ތެރެއިން 15،000 ހައުސިން ޔުނިޓު މާލެ ސަރަހައްދުގައި އަޅާއިރު، ރަށްރަށުގައި 12،940 ޔުނިޓު އެޅުމަށް ވަނީ ނިންމާފަ އެވެ.
Hussain Rashd ·