ENGLISH

16 ނޮވެމްބަރު 2025

Advertisement

އަންހެނުންގެ ޤައުމީ ޚިދުމަތަށް ޚާއްޞަ "ރެހެންދި އެވޯޑް" 15 ފަރާތަކުން ހާސިލްކޮށްފި

16 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ރެހެންދި އެވޯޑް ހާސިލްކުރި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެވޯޑް ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އަންހެނުން ބާރުވެރި ކުރުވުމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދޭ ޚާއްޞަ އެވޯޑު "ރެހެންދި އެވޯޑު" 15 ފަރާތަކުން ހާސިލްކޮށްފިއެވެ. 

ރޭ ބާސެލޯ ނަސަންދުރާގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. 

ރޭގެ ޖަލްސާގައި ވަނީ 2024 އަދި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުން ކުރިއަށްގެންގޮސްފައެވެ. 

ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް އޮންނަނީ މައިގަނޑު 2 ކެޓަގަރީއެކެވެ. އެގޮތުން، ވަކި ވަކި އަންހެންނުންނާއި، ޖަމުޢިއްޔާ ޖަމާޢާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ.

ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއް ހިމެނެއެވެ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.

އެކި ދާއިރާތަކުން ކަނބަލުން މި އެވޯޑަށް ކުރިމަތިލިއިރު 2024 ވަނަ އަހަރު ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލިއެވެ. އޭގެތެރެގައިން ރޭގެ ޖަލްސާގައި ވަނީ 5 ފަރާތަކަށް އެވޯޑް ހަވާލުކޮށްފައެވެ. އެއީ، 

1. އަލްއުސްތާޛާ މަރްޔަމް އިނާޝާ، ކ. ކާށިދޫ، މާވިން (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

2. އަލްފާޟިލާ މަރްޔަމް މުރުޝިދާ، ތ. ވިލުފުށި، ތަނޑިރަތްމާގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

3. އަލްފާޟިލާ އަސްމާ ޙަސަން، ހދ. ކުޅުދުއްފުށި, ހިކިފިނިފެންމާގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

4. އަލްފާޟިލާ ޢާއިޝަތު ޠާއިފާ، ހދ. ކުޅުދުއްފުށި، ޓޯޓަލްގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

5. ވިމެންސް އެންހޭސްމަންޓް (ވީ)، ލ.ފޮނަދޫ، ފުރުއްމާގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

މީގެ އިތުރުން، 2025 ވަނަ އަހަރު ރެހެންދި އެވޯޑަށް 28 ފަރާތަކުން ކުރިމަތިލިއިރު 10 ފަރާތަކަށް ވަނީ އެވޯޑް ދީފައެވެ. 

އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

1. އަލްފާޟިލާ އާޢިޝަތު ހުސައިން، އަތަމާގެ، ގއ.ކަނޑުހުޅުދޫ

2. އަލްފާޟިލާ އާމިނަތު އާދަމް ކޮއި، ދަފްތަރު ނަމްބަރު އާރް،އެސް 2823 / މާލެ

3. ޑރ. ރުޚުޝާނާ އަހުމަދު، މ.ހުދުކާނޭޝަން/ މާލެ

4. އަލްފާޟިލާ ސަފާތު އަހުމަދު ޒާހިރު، ހުޅުމާލެ ގޯތި 10228، /ހުޅުމާލ

5. އަލްފާޟިލާ ސަމީނާ އިބްރާހިމް، ދޫރެސް / ތ.ވިލުފުށި

6. އަލްފާޟިލާ ޘުރައްޔާ އިބްރާހީމް، މުރިނގު / ތ.ކިނބިދޫ

ލީޑަރޝިޕް އަދި ގަވަރނަންސްގެ ދާއިރާ

7. އަލްފާޟިލާ އާމިނަތު ރީމާ ރަޝީދު، ހ.ލައިޓްސްޓަރ/ކ.މާލެ

8. އަލްފާޟިލާ އާމިނަތު ސޫޒަން ، ހ.ފަހަލަ/ ކ.މާލެ

އާންމުކޮށް އަންހެނުންކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ

9. އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު، މުރީދުގެ / އއ.އުކުޅަސް

އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ

10. އަލްފާޟިލާ އާއިޝަތު ވަހީދާ، ފަރިމާގެ / ސ. ފޭދޫ

ކޮންމެ އަހަރަކުވެސް ދެމުން ގެންދާ ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީގެ ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން މި ވުޒާރާއިން ދެމުން އަންނަ ޚާއްޞަ އެވޯޑެކެވެ.

ރެހެންދި އެވޯޑު ދިނުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުން ކަމަށް އިޖުތިމާޢީ ވުޒާރާއިން ބުނެފައިވެއެވެ. 

ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ޚިއްޞާ އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތައް ތަޢާރަފުކޮށް، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމަކީ ވެސް ރެހެންދި އެވޯޑް ދިނުމުގެ މުހިއްމު މަޤްޞަދެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު