ENGLISH

16 ނޮވެމްބަރު 2025

Advertisement

އެޗްޑީސީ މުވައްޒަފުންނަށް ދޭން ތަރައްގީކުރި އެޕާޓުމެންޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފި

16 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރީތިގަސް ފުލެޓުތައް ހަވާލުކުރުމަށް ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ފުލެޓު ދިނުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރި "ރީތިގަސް" ފުލެޓުތައް ލިބުނު މީހުންނަށް އެތަންތަނުގެ ތަޅުދަނޑި ހަވާލުކޮށްފިއެވެ. 

ރޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރީތިގަސް މަގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލެޓު ލިބުނު ބައެއް މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. 

ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ.މުއްތަލިބުގެ އިތުރަށް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރާއި އެ ކުންފުނީގެ ބޯޑު މެންބަރުންނާއި ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

މި މަޝްރޫއަކީ 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެއިރު ސަރުކާރުގެ އެކި ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށި މަސައްކަތުގެ ތެރެއިން އެޗްޑީސީންވަނީ ހުޅުމާލޭގައި ހަ ޓަވަރެއް އަޅާފައެވެ. އެތަންތަނުގައި ޖުމްލަ 459 އެޕާޓުމެންޓު ހުންނާނެއެވެ. 

ރޭ ހަވާލުކުރަން ފެށީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރީ ޓަވަރު އޭއާއި ޓަވަރު ބީގައި ހުރި 153 ފުލެޓެވެ. ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިމޭނެ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ. 

މި ޓަވަރުތަކުގައި ދެ ލިފްޓު ހުންނާނެއެވެ. އަދި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމުގެ އިތުރަށް ހުރިހާ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ގާއިމުކޮށްފައިވެއެވެ. 

އަދި ޓަވަރުތަކުގައި ކާރު ޕާކުކުރާ 54 ޖާގައާއި ސައިކަލު ޕާކުކުރުމަށް 782 ޖާގަ ހުންނާނެ ކަމުގައި އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. އެ ސްލޮޓުތައް ޓަވަރުތަަކުގައި ދިރިއުޅޭ ފަރާތްތަކަށް ބަހައި ޖާގަތައް ލިބޭ ފަރާތްތައްވަނީ ކަނޑައަޅާފައެވެ. 

ކިޔުންތެރިންގެ ހިޔާލު