ENGLISH
16 ނޮވެމްބަރު 2025
ކާމިޔާބު 104؛ އަންހެނުން ބާރުވެރިކުރުވުމުގައި ބޮޑެތި ކުރިއެރުންތަކެއް
16 ނޮވެމްބަރު 2025
|
ބ.ކުޑަރިކިލުން ރައީސަށް މަރުހަބާަ ދެންނެވުމުގެ ތެރެއިން ބައެއް އަންހެނުންނާ ސަލާމްކުރައްވަނީ
އަންހެނުންނަަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބަައަށްވީ ނަމަވެސް ޒަމާނުއްސުރެ އަންހެނުންނަށް މުޖުތަަަމައުގައި ފަހިކުރެވިފައިވާ އިގުތިސާދީ އިޖުތިމާއީ ފުރުސަތުތަކުގެ ހަނިކަމުގެ ސަބަބުން އެކި ފަންނުތަކުގައި އެކި ދާއިރާތަކުން ކުރިއަށްދިއުމުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތައް ގިނައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ހުށަހެޅުއްވި ސިޔާސަތުތަކުގެ މައިގަނޑު އެއް އަމާޒަަކީ އަންހެނުން ބާރުވެރިކޮށް، އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށް، އެކި ދާއިރާއިން ކުރިއަށްދެވޭނެ މަަގުތައް ފަހިކުރުމާއެކު، ސިޔާސަތު އެކަށެއެޅުމާއި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި އަމާޒު ހާސިލުކުރުމަށް ރައީސް އެކަށައެޅުއްވި ސިޔާސަތުތަކުގެ ތެރެއިން ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެވި، އެކި ފަންނުތަކާއި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލުވުން ވަރަށް ބޮޑަށް އިތުރުކުރެވިފައިވެއެވެ.
އެގޮތުން ދައުލަތުގެ ކުންފުނިތަކުގައި އަންހެނުން ބައިވެރިވާ މިންވަރު 27 އިންސައްތަ އިތުރުކުރެވިއްޖެއެވެ. އެންސްޕާއާއި އާސަންދައާއި ސީއެމްޑީއޭއާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ އެންމެ މަތީ ފަންތީގެ މަގާމުތަކުގައި އަދި ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުކުރެވި އެންމެ ކުރީ ސަފުން އަންހެނުންނަށް ޖާގަ ހޯދައިދެވިފައިވެއެވެ.
އެގޮތުން ރާއްޖޭގައި ޗާޓާޑް އެކައުންޓެންޓުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި 58 އަންހެނުންގެ ތެރެއިން 36 އަންހެނުން ތިބީ މާލީ ދާއިރާގެ އިސް މަގާމުތަކުގައެވެ. ފުލުހުންގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން 12 އިންސައްތާގައި 2019 ވަނަ އަހަރު އޮތް ނަމަވެސް އެ ނިސްބަތް މި އަހަރު 21 އިންސައްތައަށް އިތުރުވެފައިވެއެވެ. 2022 ވަނަ އަހަރު ސިވިލް ސާވިސްގެ މަތީ ފަންތީގެ މަގާމުތަކުގެ ތެރެއިން އަންހެނުން ތިބީ 21 އިންސައްތަ މަގާމުގައެވެ. މިހާރު އެ ނިސްބަތް 45 އިންސައްތައަށްވަނީ އިތުރުވެފައެވެ.
އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން އަންހެނުން ވިޔަފާރިއަށް ނިކުންނަން ހިތްވަރު ދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ސަރުކާރުން ތައާރަފުކުރިއެވެ. އެ ސްކީމުގެ ތެރެއިން 83 މީހަކަށް ލޯނު ދޫކޮށް، އެއިން 45 އިންސައްތަ މީހުން މިހާރު އަމިއްލަ ވިޔަފާރިތައް ފަށައިފިއެވެ.
އޭގެ އިތުރަށް ރަށްރަށް ހިންގުމުގައި ބުރަކޮށް މަސައްކަތްކުރަމުން އައި އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީތަކަށް ކައުންސިލުތަކުގެ ބަޖެޓުގެ 10 އިންސައްތަަ ދެއްވުމާއެކު، އެކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވާފައިވެއެވެ. މިއީވެސް އަންހެނުން ބާރުވެރިކޮށް އެ ކަނބަލުންގެ ހިއްސާގެ އަގުވަޒަންކުރެއްވުމުގެ މަގުގައި އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެކެވެ.
އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތަކީ ހުއްޓުމެއް ނެތި ކުރިއަށްގެންދަންޖެހޭ މަސައްކަތެކެވެ. ނަމަވެސް ތަފާސްހިސާބު ބުނެދޭ ހަގީގަތަކީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމުމަކަށް އަންނައިރު އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަަތުތަކުގެ ތެރެއިން އަންހެނުންނަށް ގިނަގުނަ ފުރުސަަތުތައް ފަހިކޮށްދީފި ކަމެވެ. އަންހެނުން ބާރުވެރިކުރުމުގައި ކުރު މުއްދަތެއްގައި ބޮޑެތި ކާމިޔާބުތައް ހާސިލުކުރެވިފައިވާ ކަމެވެ. ބާކީ އޮތް ތިން އަހަރު އަންހެނުންނަށް އިތުރު ފުރުސަތުތައް ފޯރުކޮށްދީ އިސްސަފުގައި އަންހެނުންގެ ޝާމިލުވުން އިތުރުވަމުންދާނޭކަން އެ ތަފާސްހިސާބުތައް ސާބިތުކޮށްދެއެވެ.