ENGLISH
15 ނޮވެމްބަރު 2025
ހުވަދޫގައި ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު 16 މީހަކު ހައްޔަރު ކޮށްފި
15 ނޮވެމްބަރު 2025
|
އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި --
ގއ. އަދި ގދ. އަތޮޅުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިއީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް އިން ހިންގި އޮޕަރޭޝަނެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މި މަހުގެ 2 އިން 13 އަށް ގއ. އަދި ގދ. އަތޮޅުގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނަކާއި ގދ. ވާދޫއިން ހައްޔަރުކުރި 5 ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި 3 ފިރިހެނުންނެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި 2 ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން 2 ކާރާއި 5 ސައިކަލް ބަލައިފާސްކޮށްފައިވެ އެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ.
މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ މައުލޫމާތު ކުރިން މީޑިއާތަކަށް ހިއްސާނުކުރީ، މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ތަންތަނަކީވެސް "އޮޕަރޭޝަން އަލިމަގު" އާ ގުޅޭގޮތުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި ބަލައި ފާސްކުރެވުނު ތަންތަނަށް ވެފައި މައުލޫމާތު ހާމަކޮށްފިނަމަ "އޮޕަރޭޝަން އަލިމަގު" އަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ އެވެ.
މިއާއެކު، އިތުރަށް މަޑުނުކޮށް، ލިބެމުން ދިޔަ މައުލޫމާތަށް ބަލައި ހެކި ގެއްލިދާނެ ކަމުގެ ފުރުސަތު އޮތުމާއެކު އޮޕަރޭޝަންގެ މި ބައި ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށްވެސް ފުލުހުން ބުންޏެވެ.