ENGLISH
15 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައް ހުރިހާ ދާއިރާއަކަށް ޚާއްޞަކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
14 ނޮވެމްބަރު 2025
|
ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ: ހުރިހާ ދާއިރާއަކުން މުވައްޒަފުންނަށް ކުރިމަތިލެވޭ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަވާނެކަމަށް ވިދާޅުވި
ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގެ ގޮތުން، އިތުރު ފްލެޓްތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށާއި، އެ ފްލެޓްތަކަށް ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިމަތިލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯހިޔާވަހިކަން ހާއްސަކުރައްވާނެ ބައެއް ދާއިރާތައް ވަކިން ފާހަގަކުރައްވާފައެވެ. އެގޮތުން، ދަފްތަރުގައި ތިބި މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެކަނިވެރި މައިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް، މަސްވެރިންނާއި، ޓެކްސީ ޑްރައިވަރުން އަދި ކޮމިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މި ހުރިހާ ފަރާތްތަކަށް ކަނޑައެޅޭ އުޞޫލެއްގެ ތެރެއިން ކުރިމަތިލެވޭ ގޮތް އޮންނާނެ. ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތު ހަޤީގީ މާނައިގައި އިރާދަކުރެއްވިއްޔާ ތަންފީޒުމިކޮށްދެނީ. އަޅުގަނޑުމެން އެކަމުގެ ވަޢުދުފުއްދާނަން. ވަޢުދުފުއްދާފައި ރައްޔިތުންނަށް މި ދެނީ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މާލެ އާއި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުއްދަވާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުންފުނިތަކާ ޙަވާލުކޮށްގެން 13 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، 16 ރަށެއްގައި 1100 ހައުސިން ޔުނިޓް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 3000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބިންހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ނޮވެމްބަރު 23 ވަނަ ދުވަހު ޑްރެޖަރު އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޑްރެޖަރު އައުމާއެކު، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، ރަސްމާލެއާއި އުތުރުތިލަފަޅުން ގޯތި ދިނުމަށް އިތުރު ޑްރެޖަރުތައް ގެނެސް ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަސްމާލެއިން ހިއްކާ ސަރަޙައްދުން 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ވެސް ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވެރިކަންކުރާ ޕީއެންސީން ބޭއްވި "ދިވެހީންގެ ރާއްޖެ" ޖަލްސާއަށް 13،000 އަށް ވުރެ ގިނަ މީހުން ހާޒިރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.